ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ފުރަތަމަ ބެޗް މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން 7 ޖޫން ގައި ފުރަނެކަމަށެވެ.
ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެންމެ ފުރަތަމަ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 50 މީހުންނެވެ. އަދި އެކި އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ޑރ. ޝަހީމް އިއްޔެ ވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 3 ވަނަ އަދި 4 ވަނަ ފުލައިޓުގައި ޙައްޖަށް ފުރާ ޙާޖީންނަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެެ. އަދި ހައްޖުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވައި މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ.



