ޗައިނާގެ ޕީޕަލްސް ގަވަރމެންޓް އޮފް ހެނާން ޕްރޮވިންސްގެ ވައިސް ގަވަރނަރާއި ސަން ޔުންފެންގް އާއި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބައްދަލުކުރައްވައިފި އެވެ.
ސަން ޔުންފެންގް އާއި އެމަނިކުފާނުގެ ވަފްދު މިއަދު ވަނީ މިނިސްޓަރގެ އަރިހަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ވަނީ ރާއްޖެއާއި ހެނާންއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރކުރައްވާފައެވެ.
އަދި ފަތުރުވެރިންގެ ތަޖުރިބާތައް އިތުރުކޮށް، ދެ ސަރަޙައްދުގެ ގުދުރަތީ ރީތިކަމާއި މުއްސަނދި ތަރިކަ ދައްކުވައިދޭ ތަފާތު ދަތުރުފަތުރުގެ ފުރުޞަތުތައް ތަނަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި، ބައްދަލުވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.