އަންނަ އާދިއްތަ ދުވަހު ފެށޭ އަޟްހާ އީދާއި ޖެހިގެން އަންނަ ހަތަރު ދުވަހުވެސް ރާއްޖޭގެ ރަށްތަކަށް މޫސުން އަލިވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފި އެވެ.
މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް އެ އިދާރާއިން ލަފާކޮށްފައިވާ މޫސުމީ ބުލެޓިންގައި ބުނެފައި ވަނީ އީދު ދުވަހާ އެކު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަސް ދުވަހު ވައި ޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގަ އެވެ.
އަދި ރާޅުގެ އުސްމިން 5-3 ފޫޓާ ދެމެދު ހުންނާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަޟްހާ އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށްވާއިރު ބޮޑު އީދަށް އެކި މީހުން ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. އަދި އީދަށް މާލޭގައި ބޮކިފަތި ދިއްލާ ޒީނަތްތެރި ކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.