މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މީޑިއާއާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރާ ކަމަށެވެ. މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށާއި، ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ. އެގޮތުން ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން އަދި ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި ކަމަށާއި، އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނުކަން ފާހަގަކުރެއްވިއެވެ. އަދި އެޑްމިޓު ކުރެވުނު ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވުނުކަން ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ، މަގު އޮޅުނު 100 އެއްހާ ހާޖީން ސްމާޓް ޓެގް ޑިވައިސްގެ އެހީގައި ހުރި ތަނެއް ބަލައިގެން ހޯދި ކަމަށާއި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި އެހެންނަމަވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށެވެ.
“އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ.” ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނައި ދެވަނަ ފަހަރު ކަމަށްވާއިރު މާތް ﷲގެ ރަޙުމަތުން ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް ވިދާޅުވެފައެވެ. އަދި ޙައްޖުގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް ޝަހީމް ވަނީ ޝުކުރު ދަންނަވާފައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް ކަމަށެވެ.
ރަސްމީ ކޯޓާއާއި ހާއްސާ ކޯޓާގެ ދަށުން މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ގޮސްފައިވެއެވެ.