މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން އައްޑޫގެ މަސްވެރިންތަކެއް އިއްޔެ އާއި މިއަދު ވެސް ހަޅުތާލު ކުރަމުން އަންނަ އިރު، އެކަން ގާތުން ބަލައި ފައިސާ ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފުސީލު ހިއްސާ ކުރަމަުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ.
“އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް މި ދަނީ ހިއްސާ ކުރަމުން.” ޝިޔާމު ވިދާޅުވި އެވެ.
އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށަށް އެއްވެ މަސްވެރީން ކުރަމުންދާ އިހުތިޖާޖުގައި މަސްފެކްޓްރީގެ އޮޕަރޭޝަނަށް ވަނީ ހުރަސް އެޅިފައެވެ. އަދި ފުލުހުން ވަނީ މަސްވެރީންގެ އިހުތިޖާޖު ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން ފުރުސަތު ދެމުންދާ ކަމަށާއި، އިހުތިޖާޖާއި ގުޅިގެން މަސްފެކްޓްރީގެ އޮޕަރޭޝަނަށް ހުރަސްއެޅިފައިވާތީ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް ގާއިމުު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އިއްޔެއިން ފެށިގެން މަސްވެރިން ދަނީ ހުޅުމީދޫގައި ހުންނަ މިކްފޯ މަސް ފެކްޓަރީ ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އިއްޔެގެ މުޒާހަރާގައި 80 އަށްވުރެ ގިނަ މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނިއަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށްވެސް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ވެއެވެ.