ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން އެނބުރި އަންނައިރު ސިއްޙީގޮތުން ސަމާލުކަންދޭންވީކަންކަން ފާހަގަކޮށް، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލްހުން ޖެހިފައިވާ ނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ދެވޭނެ ފަރުވާތައް ކިޔައިދީފަ އެވެ.
އެޗްޕީއޭއިން ވަނީ ޙައްޖުން އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ސަމާލުކަންދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިވެއެވެ.
ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލުކުރާ މީހުން އެކަންކަމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ޙައްޖުވެރިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިސްކަންދޭން ވާނެކަމަށެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭއިން ވިދާޅުވީ ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭނުމަކީވެސް މުހިއްމު ކަމެއްކަމަށެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން
ޙައްޖު މޫސުމުގައި މާހައުލު ބަދަލުވުމާއި ޓެމްޕަރޭޗަރގެ ސަބަބުން ޙައްޖުގެ އަޅުކަމަށްފަހު އަންނަ ގިނަ އަދަދެއްގެ މީހުންނަށް އަރިދަފުސް ރޯގާގެ އުނދަގޫ ކުރިމަތިވެއެވެ.
ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ 1،150 ޙައްޖުވެރިން މާދަމާއިން ފެށިގެން ރާއްޖެ އަންނަން ފަށާނެ އެވެ.