މާދަމާއިން ފެށިގެން ޙައްޖުވެރިންގެ ގްރޫޕްތައް ރާއްޖެއަށް އަންނަން ހަމަޖެހިފައިވާއިރު، ޙައްޖުވެރިން ބަލާ އެއާޕޯޓަށް ދާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރައްވައިފި އެވެ.
ފުލުހުން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޙައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިލައްވާފައެވެ.
މި އަޙަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އޭގެފަހުން 28 ޖޫން، 1 ޖުލައި އަދި 4 ޖުލައިގައި ވެސް ގްރޫޕްތައް އައުމަށް ހަމަޖެހިފައިވެއެވެ.
އެއާޕޯޓުގެ ޓްރެފިކް ފްލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި މީގެއކުރިންވެސް އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވެފައިވެއެވެ.