އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހަ “ޕީއެންސީ ހައުސް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ 7 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދީފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހާސިލުކުރުމުގެ މަސައްކަތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އިއުލާންކުރައްވާފައިވާ އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވިތާ 7 މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިލުކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަން ރައީސް ތަކުރާރު ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލުން އެއީ ވަރަށް އުދަނގޫވި ނިންމުމެއް ނަމަވެސް އެ ނިންމުން ނިންމުމުން ވޯލްޑް ބޭންކް އަދި އައިއެމްއެފްވެސް އެކަމަށް ތައުރީފު ކުރެއްވި ކަމަށެވެ.