ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޒަމީރާއި ސެކްރެޓަރީ ބްލިންކެންއާ ދެމެދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާކުރުމާއި، އިގްތިސާދީ ކުރިއެރުމަށް އަޒުމް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިތުރު މަގުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސަރަޙައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި، ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދެޤައުމުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިންނަށް ފަސޭހަކަމާއެކު ވިސާ ފޯރުކޮށްދިނުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ސަގާފީ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒަމީރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދާއި ސެކްރެޓަރީ އޮފް ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބާއި ކައުންސެލަރ ޒީނާ ދީދީ އާއި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހައިލް ބައިވެރިވެވަޑައިގެންނެވިއެވެ.



