ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަރެކްޝަންސް އޮފިސަރުންގެ ނެޓްވޯކެއް އަތުލައިގެންފިއެވެ.
ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮޕަރޭޝަން ކުރިއަށްދާކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތްތަކާބެހޭ ވަޒީރު އަލީ އިޙްސާނެވެ. ވަޒީރު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށެވެ. އެގޮތުން އެއް މުވައްޒަފުގެ އެކައުންޓަށް އެއް އަހަރު ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ހާމަވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.



