ކަރެކްޝަންސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރުކުރި 13 މުވައްޒަފުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ މިއޮޕަރޭޝަންގައި ހައްޔަރުކުރި މުވައްޒަފުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހަކު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދެން ތިބި 11 މީހުން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން އޮޕަރޭޝަނެއް ކުރިއަށްދާކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުން ވިދާޅުވީ މާފުށީ ޖަލުގައި ކުރިއަށްދާ މިއޮޕަރޭޝަންގައި މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝަރީފް ވިދާޅުޅުވީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.