ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް)، އަދި އިންޓްރާޔޫޓްރައިން އިންސެމިނޭޝަން (އައިޔޫއައި) ފަރުވާ، އާސަންދައިން ހިލޭ ފޯރުކޮށްދޭނެ ފުރަތަމަ 37 މީހުން ކަނޑައަޅައި މިއަދު އާންމުކޮށްފި އެވެ.
ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.
އެގޮތުން އައިޔޫޔައި އަދި އައިވީއެފްގެ އެހީއަށް އެދުމަށް މާޗު މަހުން މެއި މަހުގެ 15 އަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި 153 ފަރާތަކުން ވަނީ ފޯމު ހުށަަހަޅާފައި ކަމަށް އެންސްޕާއިން ބުންޏެވެ.
އެންސްޕާ އިން ބުނީ، ފުރަތަމަ ބުރުގައި އެހީ ހަމަޖެހުނު މީހުން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
މީގެއިތުރުން 15 މެއިގެ ނިޔަލަށް ލިޔެކިޔުން ހަމަނުކޮށް ހުށަހަޅާފައިވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅޭނެކަަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އަދި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށް ވެސް އެ މުއްދަތުގެ ތެރޭގައި އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެ އެޖެންސީއިން ބުނެފައިވެއެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



