ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އާ އޮފީހެއް އައްޑޫގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމުން ގެނައި ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހީނާ ވިދާޅުވީ އާ އޮފީހުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ހީނާ ވިދާޅުވީ އެންސްޕާގެ ރަޖިސްޓްރީގައި ހިމަނާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި މި ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާ އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އައްޑޫގައި އޮފީހެއް ޤާއިމުކުރުމުގެ މުހިންމުކަމަށް ވިދާޅުވިއެވެ.
ހީނާ ވަނީ ރަޖިސްޓްރީކޮށްފައިވާ ގިނަ ބަޔަކު ދިރިއުޅޭ އެހެން ސަރަޙައްދުތަކުގައި އިތުރު އެންސްޕާ އޮފީސްތައް ޤާއިމްކުރުމަށް ރާވާފައިވާކަން ހާމަކުރައްވާފައެވެ. މީގެ މަގުސަދަކީ އެ އެޖެންސީގެ ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހީޏާ ވިދާޅުވެފައި ވެއެވެ.
އެންސްޕާއަކީ ސިއްހީ ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް އިދާރީ އިދާރާއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވައިލައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އެ އެޖެންސީން ދަނީ ކުރަމުންނެވެ. މި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރަޖިސްޓްރީގައި އޭޕްރީލް މަހުގެ ނިޔަލަށް 12،900 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.



