ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން ބުނީ މިކަން ކުރާ މީހަކު/ބަޔަކު ގުޅަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ނަމުގައި ކަމަށެވެ.
މިހާތަނަށް އެ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެއެވެ.
ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް އެ މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި އަދި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ދަރިވަރުންނާއި ގުޅޭ ކަންކަމުގައި މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީޢާއިން ކަމަށް ބުނެފައިވެއެވެ. ކޮންމެހެން ގުޅަން ޖެހިގެން ބައެއް ޙާލަތްތަކުގައި ފޯނުންވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެ ހިނދެއްގައި، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނޫނީ ގުޅާ މީހަކީ މިނިސްަޓްރީގެ މުވައްޒަފެއްކަން ކަށަވަރުކުރެވިފައިވާ ޙާލަތުގައި މެނުވީ އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރުމަށް ހަޔަރ އެޑިއުކޭޝަނުން އެދެއެވެ. އަދި އަމުދުން އެއްވެސް ޙާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދެމެވެ.
މި މިނިސްޓްރީން ދަރިވަރުންނަށް ދޭ އެއްވެސް ޚިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ޚިދުމަތެއް ނޫން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.



