އައްޑުއާއި މެދު ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ވަރަށް ބޮޑުކަމަށާއި ހާއްސަ ގޮތެއްގައި ފަތުރުވެރިކަން އައްޑޫގައި ތަރައްގީ ކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އައްޑޫގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެމަނިކުފާނު އަމިއްލައަށް މިދިޔަ ހަފްތާގައި ޝަންގްރިއްލާގެ މެނޭޖްމެންޓުގެ އިސް ބޭފުޅުންނާއިއެކީ މަޝްވަރާ ކުރެވި އެކަމަށް ހާއްސަކޮށްގެން ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
“ދާދި ފަހުން އަޅުގަނޑު ރައީސް އާއި ބައްދަލު ކުރެއްވިން. ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫއަށް ދަތުރު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ ދާންވާއިރަށް ޝަންގްރިއްލާއާއި ފަތުރުވެރިކަމުގެ ކަންކަން ނިމިފައި ހުރުމަކީ ބޭނުންްފުޅުވާ ކަމެއް ކަމަށް،” ފައިސަލް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވެފައި އޮތުމުން، އެކަމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަައްވަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.



