އދ.ގެ ރިލީފް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) މެދުވެރިކޮށް ރާއްޖެއިން ފަލަސްތީނަށް 1.29 ޑޮލަރުގެ އެހީއެއް ދިނުމަށް އދ.ގެ މައި އިދާރާގައި އިއްޔެ ބޭއްވި ޔޫއެންއާރްޑަބްލިއުއޭ ޕްލެޖިން ކޮންފަރެންސްގައި ނިންމައިފިއެވެ.
ރާއްޖެއިން މިކަން އިޢުލާނުކޮށްފައިވަނީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްވި ބަޔާނެއްގައެވެ.
ސަފީރު މުހައްމަދުގެ ބަޔާނުގައި ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭއަށް ދިވެހި ސަރުކާރުން ދޭ އަހަރީ ކޮންޓްރިބިއުޝަން 5،000 ޑޮލަރުން 50،000 ޑޮލަރަށް ދިހަ ގުނަ އިތުރުކޮށްފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަލަސްޠީނަށް އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ޓެލެތޯނެއް ބާއްވައި، އެ ޓެލެތޯން މެދުވެރިކޮށް ލިބުނު 18.4 މިލިއަން ރުފިޔާއާއި، 49،800 އެމެރިކާ ޑޮލަރު، ޔޫ.އެން.އާރު.ޑަބްލިއު.އޭ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކާއި، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫ.އެން.އާރް.ޑަބްލިއު.އޭއިން އަދާކުރަމުންދަނީ މުހިންމު ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން ޔޫއެންއާރްޑަބްލިއުއޭއަށް އަދާކުރަންޖެހޭ މާލީ އަދި ސިޔާސީ ޒިންމާތައް އަދާކުރުމަށް އޭނާ ގޮވާލެއްވިއެވެ.



