ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޖުލައި 16 ވާ އަންގާރަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މި ދިޔަ ޖޫން މަހުގެ 30އިން މި ހިނގާ ޖުލައި 7އަށް ސަލަމާނު މިސްކިތުގެ އެކި މާލަންތަކުގައި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސްކޫލްތަކާއި މުއައްސަސާތަކުން 992 ބައިވެރީން ވަނީ ކިޔަައިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރީންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖާކޮށް، ގެނެވޭން ހުރި ހެޔޮ ބަދަލުތައް ގެނައުމަށް ފަހުގައެވެ. މި ބަދަލުތަކުގެ ތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރެވިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
މީގެ އިތުރަށް މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ތަށިތައް ވެސް ވަނީ ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައެވެ.



