ކުރީ ސަރުކާރު ނިމިގެން ދިޔައިރު ޞިއްޙީ ދާއިރާއިން ބަޖެޓް ނެތް އެތައް މަޝްރޫޢެއް ފެށުމަށް ވަޢުދުވެފައިވާކަމަށް ހެލްތް މިނިސްޓަރ ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަލީލް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގާތްކޮށް ނިމިދިޔަ ސަރުކާރުން ގިނަ މަޝްރޫޢުތައް ޢިއުލާންކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއިން އެކަނިވެސް 57 މަޝްރޫޢު އެވޯޑުކޮށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، އެތަނުން އެކި ސަބަބުތަކާ ހެދި 30 މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓަރުންނާއެކު ކުރެވުނު އެކި މަޝްވަރާތަކާއި މަސައްކަތްތަކަށްފަހު މީގެތެރެއިން 20 މަޝްރޫޢެއް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ސިއްޚީ ދާއިރާގައި ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ އަދަދަކީ 57. އޭގެތެރޭގައި ނުހިނގާ 34 ޕްރޮޖެކްޓެއް އެބައޮތް އެއްގޮތަކަށްވެސް ނުހިނގާ. ސޮއިކޮށްފަ މަސައްކަތް ފަށާފައި ހުއްޓިފައި.” ހަލީލު ވިދާޅުވިއެވެ.
ކުވެއިތު ފަނޑުގެ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއުތައް ނުލައި 57 މަޝްރޫއެއް މި ދާއިރާގައި ފަށާފައިވާއިރު ކުވެއިތު ފަންޑުގެ ދަށުން ހިންގާ ހަތް ޕްރޮޖެކްޓަށް 600 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހޭ ކަމަށާއި އެވަރަށް ހަރަދުކުރާނެ ފައިސާ ބަޖެޓުގައި ނެތް ކަމަށް ހަލީލު ވަނީ ވިދާޅުވެފައެވެ.
ޞިއްޙީ ދާއިރާއިން ކުރީ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



