ގައުމުގެ މައިބަދަ ފުނޑާލުމަށްފަހު، ގައުމު އައިސީޔޫއަށްލާފައި ބާއްވައި ނިކުތް ބަޔަކު މިއަދު ގައުމު ރަނގަޅު ކުރަން ވާހަކަދެއްކުން ބަލައިނުގަނެވޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުސްތަފާވަނީ މިދިޔަ ސަރުކާރުން ދިޔައީ ގައުމުގެ މައިބަދަ ފުނޑާލުމަށްފަހު، ގައުމު އައިސީޔޫއަށް ލުމަށްފަހުކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ބަޔަކު މިއަދު ގައުމު ރަނގަޅު ކުރަން ވާހަކަދެއްކުން ބަލައިނުގަނެވޭކަމަށް މުސްތަފާ ވިދާޅުވިއެވެ.
މީގެއިތުރުން މުސްތަފާވަނީ ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވެގެން ގޮސްފައިވާ ކަމަށާއި، އެ ރަނގަޅު ނުކުރެވި ކުރިއަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
“ގައުމުގެ މައިބަދަ ފުނޑުފުނޑުކޮށް ޗިސްވިސްކޮށްލާފައި ފުނޑާލުމަށްފަހު ގައުމު އައިސީޔޫއަށްލާފައި ބާއްވައި ނިކުތް ބަޔަކު މިއަދު ގައުމު ރަނގަޅު ކުރަން ވާހަކަދެއްކީމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެ ބުރަކަށީގައި ހުރި މަސްތައް ސިންގާއެއް ކާ ފަދައިން ކައިފައި ނިކުމެ ދެން ގައުމު ރަނގަޅުކުރަން ޖެހޭކަމަށް ބުނަމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން. ގައުމުގެ ހަށިގަނޑުން ލޭބޮއިގެން ނިކުތް މީހުން ގައުމު އިސްލާހުކުރަން ވެއްޖެއޭ ބުނަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.،” – މެމްބަރު މުސްތަފާ
މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން ދަނީ އިއްޔެ ބަޔަކު ކުރި އަޅުވެތިކުރުމަކުން ސަލާމަތް ކުރުމަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެކަމުގެ ދަތިތަކާއި ދިވެހި ކޮންމެ ފަރުދެއްވެސް ކުރިމަތިލާންޖެހޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.



