ކޮންމެ ޤައުމަކުން ކިޔެވި ކަމުގައި ވިޔަސް އެއިން ކޮންމެ ކުއްޖަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަން އަބަދުވެސް ހަނދާންކުރަންޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން، ދުނިޔޭގައި ކާމިޔާބީއަށް ބޭނުންވާ ޢިލްމާއި ހުނަރުތައް ކުރިން ނުފެންނަހާ ބާރު ދުވެއްޔެއްގައި ކުރިއަރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު އެކާވީސްވަނަ ޤަރުނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަޚްލާޤު އަށަގަންނުވަން މަސައްކަތްކުރަންޖެހޭކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ކިޔަވައިގެން ނިކުންނަށް ކުދިންގެ ދައުރު ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން އެކުދިން ކިޔަވަން އިޚުތިޔާރުކުރާ ދާއިރާއަކީ ޤައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކިޔަވައި ނިމިގެން އައިސް ޤައުމަށް ޚިދުމަތްކުރުމަކީ ކޮންމެ ކުއްޖެއްގެވެސް އަޒުމުކަމުގައި ކަނޑައެޅުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދިވެހި ޒުވާނުން ޢިލްމީ ޤާބިލު މީހުންނަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި ދެއްވާ ލަފާފުޅުތަކާއެކު، ކޮށްޓަވައިދެއްވާ މަގުތައް ނުހަނު ގިނަގުނަކަމަށެވެ. އަދި އެކަންކަމުގެ ހެޔޮ ނަތީޖާ ކުރިއަށްއޮތްތާނގައި ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
