ލ. ފޮނަދޫއިން ބަންޑާރަ ގޯތިދޫކުރުމަށް ނިންމާ ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޮނަދޫ ކައުންސިލްގެ އިދާރާއިން ގެޒެޓްކުރި އިއުލާނުގައި ވާގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 66 ގޯއްޗެވެ. ފޮނަދޫ ކައުންސިލުން އާންމުކުރި އިއުލާނުގައި ވާގޮތުން މި ބުރުގައި ރަށުގެ ވަށައިގެން ވާގޮތަށް ހަތް ސަރަހައްދަކުން ގޯތި ދޫކުރާނެއެވެ.
ފޮނަދޫ ކައުންސިލުން ވަނީ މިއަދުން ފެށިގެން 21 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެދުވަހު 9:00 އިން 12:00 އަށް ގޯއްޗަށް އެދޭފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނެކަމަށް ބުނެފައެވެ.
އަދި ގޯއްޗަށް އެދޭފޯމް ފޮނަދޫ ކައުންސިލްގެ ފޭސް ބުކް ޕޭޖުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި، [email protected] އަށްވެސް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ފޮނަދޫ ކައުންސިލްގެ އިއުލާނުގައި ބުނެފައިވާ ގޮތުން ގޯތިދޫކުރެވޭނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ތަނަވަސްކަން ކުޑަ ފަރާތްތައް ކަށަވަރު ކުރުމަށްފަހުގައެވެ.
އެކައުންސިލުން ވަނީ ގޯއްޗަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.