މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ފެށި “މާލެ ފަހި” ޕްރޮގްރާމް ތަންފީޒް ކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް “މާލެ ފަހި” ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޓްރާންސްޕޯޓް މިނިސްޓަރުގެ އިރުޝާދުގެ ދަށުން މާލެ ތޮށްޖެހުމާއި ދިމާވާ ޓްރެފިކްގެ މައްސަލަތކާއި އަދި އެހެނިހެން މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން “މާލެ ފަހި” ޕްރޮގްރާމް ހިންގުމަށްޓަކައި ޤާނޫނާއި ގަވައިދަށް ގެންނަމުންދާ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ޤަވާއިދާއި ހިލާފަށް ވެހިކަލްތައް ރެޖިސްޓްރީކުރަމުންދާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ވެހިކަލް ރެޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލް ކޮމްޕްރޮމައިޒްކޮށް، އޭގެ ފަހަތުން ރެޖިސްޓްރޭޝަންތައް ހަދާ ޤަވާއިދާއި ހިލާފަށް ވެހިކަލްތައް ރެޖިސްޓްރީކުރަމުންދާ ފަރާތްތައް ހޯދާ ތަހުގީގުކޮށް ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އަދި އާންމުންނަށް އުނދަގޫވާނެހެން މާލޭގެ މަގުތަކުގެ ކަންމަތިތަކާއި ސްކޫލްތަކުގެ ކައިރިއާއި ހޮސްޕިޓަލްތަކުގެ ކައިރިއާއި މިސްކިތްތަކަށް ވަންނަ ތަންތަނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.