އިސްރާއީލު ފަދަ ނޭއްގާނީ ޤައުމުތައް ފިޔަވާ، އެހެން ހުރިހާ ޤައުމަކާއި އެކުގައިވެސް ރާއްޖެއިން ގުޅުން ބާއްވާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ޚާރިޖީ ސިޔާސަތަކީ “ޕްރޯ މޯލްޑިވްސް” ކަމަށާއި، އެ ސިޔާސަތަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ.
އަދި އެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް އިއުލާނު ކުރެއްވި ސިޔާސަތަކީ ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް ވަރަށް މުހިންމު ސްޓްރެޓެޖީއެއް ކަމަށެވެ.
“އަޅުގަނޑުމެންނަކީ ހުރިހާ ޤައުމުތަކުގެވެސް ރަޙުމަތްތެރިން، އިސްރާއީލު ކަހަލަ ނޭއްގާނީ ޤާއުމެއް ފިޔަވައި. ހުރިހާ ޤާއުމަކާއެކުވެސް ރަހުމަތްތެރިކަން ބާއްވައިހެން ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ކަންތައްތައް ކުރަން. މިއަދު ރައީސް އެވަނީ އެކަން ޔަގީންކޮށްދެއްވާފަ. 8 މަސް ނިމިގެންދާއިރު ހުރިހާ ކަމެއްވެސް އެވަނީ ރައީސް ވިދާޅުވިގޮތަށް އެވަނީ ފޮރިން ޕޮލިސީގެ ތެރެއިން ގެނެސްދެއްވާފަ” މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގެ ތެރެއިން، ރާއްޖެ ޤަބޫލުކުރާގޮތަށް އަމަލުކުރާ ބަޔަކާއެކުގައިވެސް ގުޅުންތައް ރަނގަޅުކޮށް، އެކުގައި މަސައްކަތް ކުރައްވާނެކަން މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ޒަމީރު ވަނީ ރައީސްގެ އިޤްތިސާދީ ސިޔާސަތުތައް ދުނިޔޭގެ ލީޑަރުން ބަލައިގަނެ އިސިޔާސަތުތަކަށް ތައުރީފުކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައެވެ.