އެމްޓީސީސީއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއުއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ އެމްޓީސީސީން އަމަލީ މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް މަޝްރޫއުތަކެއް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފައިވާ ކަމަށް ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެމްޓީސީސީން ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫއުތައް މިވަގުތައް ނުފަށައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެގޮތަށް ނިންމަންޖެހުނީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެއެވެ. އެހެން ނަމަވެސް ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވާނީ ނިންމާފައެވެ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމެވެ.” މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، އިގުތިސާދީ ހާލަތު ދަށަށް ދިޔުމުން ސަރުކާރުން އަންނަނީ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މުސާރަ އާއި ދަތުރު ޚަރަދު ފަދަ ރިކަރަންޓު ޚަރަދުގެ އިތުރުން، މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ވެސް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ.