ދަރަނިވެރިޔާ ނިޔާވުމަށް ފަހު، އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގައި ވަނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ އަދި ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށެވެ.
ޙުތުބާގައިވަނީ ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށާއި، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށް ބުނެފައެވެ.
“ދަރަނި ދެއްކޭ ޙާލު، އެ ދަރަނި ނުދައްކައި ދިގުދެންމުމަކީ އަނިޔާއެކެވެ!” ރަސޫލު صلى الله عليه وآله وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ޙުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
“މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާހުއްޓެވެ.” ރަސޫލު صلى الله عليه وآله وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެ ކަމަށާއި، ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.
އަދި ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ކުރާނެ ދުޢާ މިއަދުގެ ޙުތުބާގައި ވަނީ ބުނެދީފައެވެ.
“ކީރިތި ރަސޫލާ z އަންނަނިވި ޢިބާރާތުން ދުޢާކުރައްވައި އުޅުއްވިކަމަށް عَبْدُ اللهِ بْنُ عَمْرٍو رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. (اَللّٰهُمَّ إِنِّي أَعُوْذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَشَـمَاتَةِ الأَعْدَاءِ)[1] މާނައީ: “އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ދަރަނިވެރިވުމުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ. އަދި ޢަދާވާތްތެރިން އުފާވާނޭ ކަންކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ.”
[1] رواه النسائي (5488) “