އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ޚަރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ބޭއްވި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި 3 ކުޑަ ކުދިން ވަނީ މަރުވެފައެވެ. މިމައްސަލައާއި ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު އެޤައުމުގައި ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިތުރުވެފައިވާއިރު މިކަން އިންގިރޭސިވިލާތުގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ބަލަމުންދާ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކުރެއެވެ.
މި ޙާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ.
އެވުޒާރާއިން ވަނީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައެވެ. އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ޚަރީޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތަކުން ދިވެހި ހައިކޮމިޝަނާއި ގުޅުއްވުމަށް ޚަރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.



