ރާއްޖޭގައި ކުޑަކުދިންނަށް އާންމުކޮށްދޭ ރޯގާ ބޭހެއްކަމަށްވާ ފެކްސޮފެނަޑިން ހައިޑްރޮކްލޮރައިޑް ނުވަތަ އެލިގްރާ ސަސްޕެންޝަންގެ 3އެމްޖީ / 5އެމްޖީގެ ކޮލިޓީ މައްސަލައެއް ދިމާވެ، އެ ބޭސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑ ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ އެލިގްރާގެ 3 ވަނަ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ތިން ބެޗު ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި އަދި ބޭނުންކުރުން އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.
ކޮލިޓީގެ މައްސަލަތައް ފެނުނު ތިން ބެޗަކީ AL1223019, AL1223029 and AL1223060 އެވެ.
އަދި އެލިގްރާގެ މި ތިން ބެޗުގެ ބޭސްތައް ފާާމަސީ ނުވަތަ ގުދަންކޮށްފައި ހުރި ނަމަވެސް އެ އޮތޯރިޓީގެ އީމެއިލް mtg.health.gov.mv މެދުވެރިކޮށް އެންގުމަށް ވަނީ އެދިފައެވެ.
އެލިގްރާއަކީ ރާއްޖޭގައި ރޯގާ ބޭހުގެ ގޮތުގައި ގިނަ ޑޮކްޓަރުން ކުޑަކުދިންނަށް ދީ އުޅޭ ބޭހެކެވެ.



