އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޚަލީލާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިބްރާހިމް ނާޒިލް ވަނީ އައްޑޫގައި ގާއިމުކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުން ހިދުމަތްދެވޭނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް ތަރައްގީ ކުރުމަކީ މިސަރުކާރުން ވަރަށް އިސްކަންދޭކަމެއް ކަމަށެވެ. އެގޮތުން މިސަރުކާރުން އޭއީއެޗް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާނެކަމަށާއި، އަދި އެ އިމާރާތް ރީޑިޒައިންކޮށް ބޭނުންވާ ފަންޑީންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޚަލީލް ވަނީ ކުރީ ސަރުކާރުން އޭއީއެޗް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް ކުރެހުންތަކެއް ކުރަހާ ރައްޔިތުންނަށް ދައްކާފައިވީ ނަމަވެސް ދައުލަތަަށް ނުކަތާވަރުގެ އިމާރަތްތައް ބިނާކުރުމަށް ކުރެހުންތައް ކުރެހިއިރު އެކަން ކުރެވޭނެ އެއްވެސް މަގެއް ފެންނަން ނެތްއިރު، ދައުލަތުގައި ފައިސާ ވެސް ނެތްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ މިސަރުކާރުން ޑިޒައިން ކުރަނީ ރައްޔިތުން ބޭނުންވާ އެއްވެސް ހިދުމަތަކަށް ބުރޫނާރާ ހިދުމަތްތައް ދެވޭނެ ގޮތަށް ކަމަށެވެ.



