ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ގާނޫނީ ވެރިކަން ދަމަހައްޓައި ނަގަހައްޓާނެ ވެރިއެއްކަމަށާއި، ރައްޔިތުންނަށް ހިއްސާކުރައްވާ ވާހަކަފުޅުތަކަކީ އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވެވަޑައިގަންނަވާ ވައުދުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިހާތަނަށް އައިރު ރައްޔިތުންގެ ދެމެދު އޮތީ ނެދެވޭ އަދާތައް ކަމަށާއި އެހެންނަމަވެސް ރައްޔިތުން އެކަންކަން ނިންމުމަކަށް ގެންނަން ބޭނުންވީ މިންވަރު ރިޔާސީ އިންތިހާބުގައި ފެނުން ކަމަށެވެ.
އަދި ރައްޔިތުން މިއަދު ބޭނުންވަނީ އަމާން ސުލްހަވެރި މުޖުތަމައުއެއް ބިނާ ކުރަން ކަމަށާއި، ރައީސް ޑރ. މުއިއްޒު މިއަދު އެކުރައްވަނީ އެ މަސައްކަތްޕުޅުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބުރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ވެސް ރައްޔިތުންގެ ދެމެދު ނަފުރަތުކަން އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްތަކެއް ފެށިގެންއައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ނޫނެކޭ ބުނެ މާޒީ އިޔާދަ ވުމަށް ނޭދޭ ކަމަށް ރައްޔިތުން ބުނަމުން ދިޔަކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ހަމައެހެންމެ މާޒީއިން ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ސިޔާސީ ލީޑަރުން ތިބީ ގައުމުގެ ޖީލެއް ހަލާކުކޮށްލާފައި ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.



