ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާޓީ ދޫކޮށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާތަން ބަލަން ކުޅަދާނަ ނުވާތީ ކަމަށް ރައީސްގެ އެޑްވައިޒަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒަކީ އިންތިހާބީ ރައީސަށް ވީއިރުވެސް ޔާމީން ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށްކަމަށް ވިދާޅުވެފައެވެ.
އަދި އެކަން ރައީސް ޔާމީން ގެއަށް ދޫކޮށްލި ދުވަހުވެސް ވީޑިޔޯތަކަށް ބަލާލުމުން ފެންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެރޭ އެހެން މީހުންނާއި ސަލާމްކުރައްވަމުންދިޔައިރު ރައީސް މުއިއްޒު އާއި ދޭތެރޭ ޔާމީން ކަންތައް ކުރެއްވިގޮތް އަބްދުއްރަހީމް ވަނީ ހަނދާންކޮށްދެއްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވި ވަނީ ކުރީގެ ނައިބް ރައީސް ޑރ.ޖަމީލް މުހައްމަދު ޖަމީލް އަހްމަދު ސަރުކާރު އެކުލަވާލާނެ ކޮމިޓީއެއް ހެދުމުގެ މަސައްކަތް ކުރެއްވި ކަމަށާއި، އަދި އެ ކޮމިޓީގެ މަޤާމުތަކަށް އައްޔަން ކުރާނެ މީހުންވެސް އޭރު އެބޭފުޅުން ކަނޑައަޅަމުން ގެންދިޔަކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް އެގޮތަށް އަމަލު ނުކުރެއްވުމުން އެބޭފުޅުން ރައީސް މުއިއްޒު އާ ދުރަށް ވަޑައިގަތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ޔާމީން ދުރަށް ވަޑައިގެންނެވީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސްއަކަށް ހުންނެވުމުން އެކަން ހަޖަމު ނުވެގެން ކަމަށާއި އެ މަންޒަރު ބަލަން ޔާމީންގެ ދެލޮލަށްވެސް ކުޅަދާނަ ނުވެގެން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި، އަދި އެ މައްސަލަ ބަލައިފިނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.



