ކުރިއަށް އޮތް ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ކުރިއަށް މިއޮތް ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ، ގަޑިއަކު 40-45 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ބުނެފައެވެ.
އެހެންކަމުން އެންމެންވެސް ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ފުލުހުންގެ ހިދުމަތުން އިރުޝާދު ދީފައިވެއެވެ.
ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކުރުން
ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ފަސްކުރުން
ފުރާޅާއި އެހެނިހެން ތަކެތި ރައްކާތެރިކުރުން
ކަރަންޓު ސާމާނު ރައްކާތެރިކުރުން
ކަނޑުދަތުރުފަތުރުގައި ސަމާލުވުން
މުދާ ރައްކާތެރި ތަންތަނަށް ބަދަލުކުރުން
ކުއްލި ހާލަތެއްގައި 119އަށް ގުޅުން
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހުގެ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކޮށްފަ އެވެ. އަދ ކަނޑުދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.



