ފްލެޓް ލިސްޓުތައް މުރާޖައާކޮށް ނިމޭއިރު މާލެ ސިޓީ ކައުންސިލްގެ ދައުރު ވެސް އެކަމުގައި އޮންނާނެކަމުގެ ޔާގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ މިއަދު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން އެ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިލަރުންގެ ދައުރު އޮވެގެން ކަމަށާއި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އިއުލާނުކޮށްފައިވާ ހައްގުވެރިންގެ ލިސްޓު އިވެލުއޭޓްކުރުމުގެ މަސައްކަތްތައް އެންމެ ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމުގެ ގޮތުން ކައުންސިލުގެ ދައުރު އޮންނަ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިކަމަށެވެ. އަދި އެކަން ކައުންސިލާއި ހިއްސާކޮށް ކޮމިޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ކުރިއަށް ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު، މާލޭ، ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ފްލެޓް އެޅުމާއި ގޯތި ދިނުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.



