އާސަންދަ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާއެކު އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރެންސަށްކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީ އާއެކު އެންސްޕާ އާއި އާސަންދައިގެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވަނީ އެންސްޕާ އާއި އާސަންދަ ނިޒާމް ރީފޯމްކޮށް ހަރުދަނާކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ހީނާ ވިދާޅުވީ، އާސަންދަ ނިޒާމު ރީފޯމްކޮށް، އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބައެއް ކަހަލަ ބަދަލުތައް ގެނެސް، އިމްޕްލިމެޓް ކުރަން ފަށާނެ ކަމަށާއި އެއާއި އެކީ އެފަދަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
“އަންނަ ރިފޯމްގެ ތެރެއިން މިހާރު 1 އޮކްޓޯބަރުން ފެށިގެން އަޅުގަނޑުމެން އިންޕްލިމަންޓް ކުރަން ފަށާ ބައެއް ކަހަލަ ޕޮލިސީތައް އެބަހުރި. އޭގެތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމުގައިވާނަމަ މިސާލަކަށް ބިލް ކްލިއަރ ކުރާއިރުގައި އެންމެ ފުރަތަމަ އެ ބޭފުޅެއްގެ އިތުރު އިންޝުއަރެންސަކުން ކްލިއަރ ކުރުމަށްފަހުގައި ދެން އާސަންދަ އެންސްޕާގެ ތެރެއިން އެ ބައި ކްލިއަރ ކުރާގޮތަށް. އޭގެއިތުރަށްވެސް ވެލްފެއަރގެ ޕޮލިސީއާއި އަދި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން މިދަނީ. މީގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން އިސްލާހުތަކާއި އެކީގައި.” ހީނާ ވިދާޅުވިއެވެ.
އަދި އެންސްޕާއިން ވެސް މިހާރު އަންނަނީ ސޯޝަލް ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތުގެ ތެރެއިން ގޭބިތަކުގެ މައުލޫމާތާއި މީހުންގެ މައުލޫމާތު ނެގިގެންދާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.



