ޒުވާނުންނަކީ މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
މިނިސްޓަރ ވިދާޅުވީ، ޒުވާނުންނަށް ދިމާވެފައި އިޖުތިމާއީ މައްސަލަތަކާ ދުރުކޮށް، ޒުވާނުންނަކީ މި ގައުމަށް ފައިދާހުރި، މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ ތެރެއިން އެއް ކަމަކީ ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މީގެ ފޮނި މޭވާ، ލަސްތަކެއް ނުވެ ދިވެހި ޒުވާނުންނަށް ލިބެމުންދާނެ ކަމަށެވެ.
އަދި މި ސިޔާސަތު އެކުލަވާލުމުގައި ދިވެހި އެންމެހާ ޒުވާނުންނާއި މަޝްވަރާކުރެވި، އެއްވެސް ޒުވާނެއް ބާކީ ނުވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
“މި ސިޔާސަތަކީ ދިވެހި ޒުވާނުންގެ ސިޔާސަތު، މިއީ އަޅުގަނޑުމެންގެ ސިޔާސަތު.” މިނިސްޓަރ ވިދާޅުވިއެވެ.
ޒުވާނުންނަކީ ގައުމުގެ ރައްކާތެރިކަމާއި ކުރިއެރުމުގައި އެންމެ ބާރުގަދަ މުލައްދަނޑި ކަމަށާއި ގައުމު މާދަމާ އޮންނާނޭގޮތް ކަނޑައަޅާ ސިކުނޑިތަކަކީ އެއީ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“މި ސަބަބަށްޓަކައި ޒުވާނުން ބާރުވެރިކޮށް، ހަގީގީ މާނައިގައި ޒުވާނުންނަށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ މިސަރުކާރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފާޅުކަން ބޮޑު ސިޔާސަތެއް. ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އަކީ މީގެ ފާޅުކަން ބޮޑު ދަލީލެއް.” މިނިސްޓަރ ވިދާޅުވިއެވެ.
ޒުވާނުންނަކީ މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



