ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިހާތަނަށް ހއ. އަތޮޅުގެ 7 ރަށެއްގައި ފެންބޮޑުވެ އެރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް ވަނީ އިއްޔެ އިން ފެށިގެން ވެހެމުންދާ ވާރޭ އަދިވެސް ހުއްޓާނުލާ ވެހުމުގެ ސަބަބުން ހޯރަފުށި، އިހަވަންދޫ ،ދިއްދު، ބާރަށް ، ކެލާ، މުރައިދޫ، މާރަންދޫ މިރަށްރަށުގައި ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ލިބެމުން ދާކަމުގައި އެރަށްރަށުގެ ކައުންސިލްތަކުން މަޢުލުމާތު ދީފައިވާ ކަމަށް ބުނެފައެވެ. މީގެއިތުރުން ހޯރަފުއްޓާއި އިހަވަންދޫ، ދިއްދޫ، އަދި ކެލާގަައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށް ނުހިނދޭކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ވަނީ މި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް އެމް.އެން.ޑީއެފްގެ ރެސްކިއު ޓީމެއް ދަތުރުކުރަމުންދާ ކަމަށް ބުނެފައެވެ.
އަދި ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން 6 ގެއަކަށް ފެންވަދެ، ޙާލުގައި ޖެހުނު 6 އާާއިލާ ރައްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރުކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހއ. އަތޮޅުގެ ރަށްތަކަކަށް މިހާރުކުރަމުންގެންދާ ވިއްސާރާގައި އެހިތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިއަދު ހެނދުނު ސިޓީސް މިނިސްޓަރ އާދަމް ޝަރިފާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ މަޝްވަރާ ކުރައްވާފައެވެ.



