ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިކަން އިއުލާން ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވަނީ މާދަމާ ސަރުކާރު ބަންދުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށެވެ.
“މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.” ހީނާ ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިއްކާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް، ޕޮލިސް އަދި ޑިޒާސްޓާ މނޭޖްމަންޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
ވިއްސާރަ އާއި ގުޅިގެން މިއަދުވެސް ވަނީ މާލޭ ސަރަހައްދުގެ ގިނަ ޓިއުޝަން ސެންޓަރުތަކާއި ޕްރީ ސްކޫލްތަކެއްގެ ކިޔެވުން ކެންސަލް ކޮށްފައެވެ.
މާލެ ސަރަހައްދުގެ އިތުރުން މި ވިއްސާރައިގައި ހއ. ގެ 6 ރަށަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އަދި 6 އާއިލާއެއް ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ.



