މިހާރު ކުރަމުން ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު ތަފާތު އެކި ކަހަލަ ބަލިތައް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ވިއްސާރަވެ ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކް އޯވަރފްލޯވެ، ނަޖިސް ބޭރުވުމާއި އަދި ވިއްސާރައިގެ ސަބަބުން ފެންހަރުލާފައި ހުރުމުން ތަފާތު އެކި ކަހަލަ ބަލިތައް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެތެރޭގައި ބޭރަށް ހިންގުމާއި، މީދަލާއި ބުޅަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި، މޯލް (ފަންގަސް) ޖެހުމުން ނޭވާލާ ނިޒާމަށްޖެހޭ އެކި ބަލިތަކާއި، އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގޫ، ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ކުރިއަށް އޮތްތަނުގައި ފެތުރުން އިތުރުވާނެކަމަށް ބެލެވޭކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.
އެޗްޕީއޭއިން އިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ތިތީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދީފައެވެ.
ވިއްސާރަ އާއި ގުޅިފައިވާ ސަރަހައްދުގެ ފެންގަނޑަށް ނޭރުން، ހާއްސަކޮށް ކުޑަކުދިން
ފެންގަނޑަށް އެރެން ޖެހިއްޖެ ހާލަތެއްގައި ވެސް ކޯޓު، ރަބަރު އަންގި އަދި ބޫޓު ފަދަ ތަކެތި ބޭނުންކުރުން
ފެން ހިންދާ، ސާފުކުރުމުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކުރުން
ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުން، އަދި ކޮންމެހެން އެރެން ޖެހިއްޖެނަމަ އެތަނަކަށް ފެން ނުވަންނާނެހެން ބަންދުކުރުން
ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން
ފެނުން ތަޢައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންނުކުރުން
ބުއިމަށާއި ދޮވުމަށް ސާފު ވާރޭ ފެން، ސަޕްލައި ފެން ނުވަތަ މިނެރަލް ވޯޓާ ބޭނުން ކުރުން
ފެން ހަރުލާނެހެން ހުންނަ ތަންތަން ސާފުކޮށް ބެހެެއްޓުން
އެޗްޕީއޭއިން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސއްހީ ހިދުމަތްދޭ މަރުކަޒުތަކަށްވެސް އަސަރުކުރިކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ތަންތަނުގެ ހިދުމަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.