ރާއްޖޭގައި މަންކީ ޕޮކްސް ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
މަންކީޕޮކްސް (އެމްޕޮކްސް) ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން އިއްޔެ ވަނީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ފެނި އެ ބަލީގެ އާ ވޭރިއަންޓެއް ބާރަށް ފެތުރެމުންދާއިރު މިއީ އެ ޖަމާއަތުން ނެރޭ އެންމެ މަތީ ދަރަޖައިގެ އެލާޓެވެ.
އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެސެސްމަންޓު ހަދާ ނިމުމުން ރާއްޖޭގައި އެ ބައްޔަށް ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން އެންމެ މަތީ ދަރަޖައިގެ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ބަލި ކޮންޓްރޯލު ކުރުމަށް ފަންޑިން ހޯދުމާއި، ދިރާސާތައް އަވަސް ކުރުމާ، ބަލި ކޮންޓްރޯލު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ހޯދުމަށެވެ.
ޑަބްލިއުއެޗްއޯއިން ބުދަ ދުވަހު ބުނީ އެފްރިކާގެ 13 ގައުމަކުން އެމްޕޮކްސް ކޭސް ފެނިފައިވާ ކަމަށާއި އޭގެ އާ ވޭރިއަންޓު ފެތުރެމުންދާ ކަމަށެވެ. މިއީ އެ ބަލީގެ ނުރައްކާއޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައެޅި ދެވަނަ ފަހަރެވެ.



