އައްޑު އަކީ ޓޫރިޒަމް ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއް ކަމަށާއި، ގުދުރަތީ ގޮތުންނާއި ތާރީޙީ ގޮތުން ވެސް ހާއްސަ ސިފަތަކެއް އައްޑޫގައި ހުރި ކަމަށް ސިޓީތަކާއި، އިދާރީތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް، ބާއްވާ “ޑެސްޓިނޭޝަން އައްޑޫ ސަމިޓް: ވަން ބްރޭންޑް ވަން ސްޓޯރީ” ގައި ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ އައްޑޫ ސިޓީއަކީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އިންވެސްޓުކުރެވޭނެ ސިޓީއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ތައުލީމީ، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރައިފައިވާ ޒުވާނުންތަކެއް ތިބި ސިޓީއެއް ކަމަށާއި، ވަކިން ޚާއްސަކޮށް އަމިއްލަ ބަހުރުވައެއް އޮތް، ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ނެތްފަދަ ތާރީޚެއް ވެސް އޮތް ތަނެއްކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑު އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބޮޑު ޕަސެންޓޭޖެއްގެ މީހުން ނިސްބަތްވާ ސިޓީ ވެސް ކަމަށެވެ. އެހެންވެ ހަރުދަނާ ޕްލޭންތަކެއްގެ ތެރެއިން ދެމަހެއްޓެނިވި ގޮތަކަށް އައްޑޫގައި ޓޫރިޒަމް ދާއިރާ ކުރިއަރުވައި ފުޅާކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށްޓަކައި އެ ސިޓީއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އިޚުލާސްތެރިކަމާއެކު އެންމެން އެކައްޗެއް ކިޔައިގެން އެ މަސައްކަތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ޒިންމާދާރު މަސައްކަތްތަކެއް އައްޑޫ ސިޓީ ކައުންސިލުން ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



