އަތުވެދާނެ ހާލަތަކަށް ބަލައި އެމްޕޮކްސް އަށް ޓެސްޓް ކުރަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްޕޮކްސްއަކީ ބައިނަލްއަގްވާނީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި އެ ހާލަތު އިއުލާންކޮށްފައިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އެހެން ގައުމުތަަކަށް ބަލި ފެތުރެމުންދާތީ ކަމަށެވެ.
މިވަގުތު މިބަލި ހަލުވިކަމާއި އެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. 2022ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ޤައުމަކުން މިބަލީގައި 99000 އަށް ވުރެ ގިނަ ކޭސްވަނީ ފެނިފައެވެ.
ދުނިޔޭގެ ފެތުރެމުންދާ އެމްޕޮކްސް އާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބަލި ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމަށް ވިނަމަވެސް އެހެނިހެން ގޮތްގޮތުން ވެސް ބަލި ފެތުރެމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަލި ޖެހޭ ގޮތްތައް ކަމަށް ބުނެފައި ވަނީ:
ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެެއިން ނުކުންނަ ދިޔައިގައި ޖެހުމުން
ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން
އެމްޕޮކޮސްގައި އަލާމާތްތައް:
ހުން އައުން
ގައިގައި ރިއްސުން
ވަރުބަލިވުން
ގޮށްލުން
ހަމުގައި ބިހި ނެގުން
މި ބައްޔަށް ހާއްސަ ފަރުވާއެއް ހޯދިފައެއް އަދި ނުވެ އެވެ. މިހާރު ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި ފޯރުކޮށްދެނީ ސަޕޯޓިވް ފަރުވާއެކެވެ.



