ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަނީ އެންމެ %5 އަންހެނުންކަމަށް މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވެއްޖެ އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގައި ވާހަކަފުޅުދައްކަވަމުން ސޫޒަން ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ކަންބޮޑުވުންތަކާއި އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމަށް ހައްލު ހޯދުމަށް ބާއްވާ ފޯރަމެއްކަމަށް ވިދާޅުވެފައެވެ.
އަދި ތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަނީ އެންމެ %5 އަންހެނުންކަން ފާހަގަކުރައްވައި ސޫޒަން ވަނީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މި އަދަދު އިތުރުކުރެވިދާނެކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ފެނިގެންގޮސްފައިވަނީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާކާރު އަންހެނުންނެވެ. އަދި މި ކޮންފަރެންސްގައި އަންހެނުންނާއި ފިރިހެނުންވެސް ވަނީ ބައިވެރިވެފައިވާއިރު، މި ކޮންފަރެންސް ކުރިއަށްއޮތް ތަނުގައި އަތޮޅުތަކުގައިވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި މި ކޮންފަރެންސް ކުރިއަށްދިޔައީ 1 ދުވަހުގެ މުއްދަތަކަށެވެ.



