ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންނަކީ ވަކި މުއްދަތަކަށް މަސްއޫލިއްޔަތުތައް އަދާކުރައްވަންޖެހޭ ބޭފުޅުންކަމަށާއި، އެކަމަށް އިޙްތިރާމް ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުންކަމުގައި ޤަބޫލުފުޅުކުރައްވާކަމަށް ނައިބު ރައީސް ހުސެއިން ލަތީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު އިއްޔެ “އެކްސް” ގައި ވަނީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި، އެއްވެސް ކަމަކީ ދާއިމަށް އެމީހެއްގެ ހައްޤެއް ކަމަށް ނުދެކުމަށް އެދި ޕޯސްޓެއް ކޮށްފައެވެ.
“ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެކެވެ. އެއީ ދުނިޔޭގެ އާދައެވެ. އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ޤަދަރާއި، އުފާވެރިކަން މާ ރަނގަޅެވެ. އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކޭށެވެ.”
އަދި މިއަދު އެ ޕޯސްޓް އިތުރަށް ތަފްސީލްކޮށްދެއްވަމުން ނައިބު ރައީސް ވަނީ އެ މެސެޖަކީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންނަށް ދެއްވި މެސެޖެއް ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންނަކީ ވަކި މުއްދަތަކަށް މަސްއޫލިއްޔަތުތައް އަދާކުރައްވަންޖެހޭ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. އަދި އެ މުއްދަތު ހަމަވުުން އެކަމަށް އިޙްތިރާމް ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުންކަމުގައި ޤަބޫލުފުޅުކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ޒިންމާދާރުކަމާއެކުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ކަމަށް ވިދާޅުވެފައެވެ.



