ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ހިންގާ ހަ ކެފޭއެއް ބަންދުކުރުމަށް ނޯޓިސްދީ، ވިސާ ނެތި މަސައްކަތްކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދުގައި ހިންގަމުން އައި އަށް ކެފޭއެއް ބަލައި ފާސްކުރި ކަމަށެވެ
މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ އިތުރުން، ފުލުހުންނާއި، އިކޮނަމިކް މިނިސްޓްރީއާއި އެމްއެފްޑީއޭގެ އިތުރުން އެޗްޕީއޭއިން ވެސް ބައިވެރިވިއެވެ.
އަދި އެ އިދާރާތަކާ ގުޅިގެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރުމަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިއަ ހަތަރު ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ގަވާއިދާ ޚިލާފަށް ރެޖިސްޓްރީނުކޮށް، އަދި ސާފުތާހިރުކަމުގެ މިންގަނޑުން ބޭރުން ބާކޯތަކެތި ތައްޔާރުކޮށް، އެއިން ވިޔަފާރިކުރާ މީހުންގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މި މައްސަލަ ފެންމަތިވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުންނަށް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތަކެއް ހިންގަން ފެށުމާ އެކުގައެވެ.



