ފާފައެއް ކުރެވުމަކީ ދީނަށް ލޯބިކުރުމާއި، ޚިދުމަތްކުރުމާއި، ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫންކަމަށް ބަޔާންކުރެވުނެވެ. އެކަން އެގޮތަށް ވާނަމަ، ދީނަށް ނަޞްރުދޭނޭ ބަޔަކު ނުތިބޭނެކަމަށާއި، ދީން ޤާއިމުވެސް ނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޙުތުބާގެ މައުޞޫއު އަކީ ދީނަށްޓަކައި ޚިދުމަތްކުރުމެވެ.
މިގޮތުން ޚުޠުބާގައި ވަނީ، ނަފްސު ކޮންޓްރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެއްކަމަށް ވިދާޅުވެފައެވެ. އަދި ޣާފިލުކަމުގެ ނިދިން ހޭލެވޭ ކޮންމެ މީހަކަށްމެ “إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ” އަދި “لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيْمِ” ކިޔުމަށް ޙުތުބާގައި އިރުޝާދުދެއްވާފައި ވެއެވެ.
މީސްތަކުން ދުނިޔޭގައި އުޅެނީ މާ މުހިންމު މަޤްޞަދަކަށް ޓަކައި ކަމަށާއި، އެއީ ހަމައެކަނި ﷲއަށް އަޅުކަންކުރުން ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މިކަން ޤުރުއާނުގެ އާޔަތަކުން ދަލީލު ދެއްވަމުން، ޖިންނީންނާއި އިންސީން ހެއްދެވީ ﷲއަށް އަޅުކަންކުރުމަށް ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނަކީ ފުރިހަމަވެފައިވާ ދީނެއްކަމަށާއި، މި ދީނުގައި ކަތިކަމެއް، ގުދުކަމެއް ނެތްކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި މި ދީނަށް ތަބަޢަވެގެން މެނުވީ ނަޖާތް ނުލިބޭނެކަމަށާއި، މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވާނެކަމަށް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން، އިސްލާމްދީނަކީ އުންމަތުގެ ފަޚުރު ކަމަށާއި، މި ދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވާ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.



