ޤައުމީ ދުވަސް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް ޢަޒުމު ކަނޑައަޅަންވީ އިޤުތިޞާދީ އަދި ސިޔާސީގޮތުން ދިވެހި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.
ޤައުމީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މީގެ 465 ވަރަކަށް އަހަރު ކުރިން މުޙައްމަދު ތަކުރުފާނު އިސްވެ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށް އޮތް ނަމޫނާއެއް ކަމަށެވެ. އަދި މި މަތިވެރި ޖިހާދުން ޢިބުރަތް ޙާސިލްކޮށް މި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށް ކޮންމެ ދިވެއްސަކުވެސް ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓާ، ސިޔާސީ ގޮތުންނާއި އިޤުތިޞާދީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބޭއްވުމަށް މިފަދަ ދުވަހެއްގައި ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރުއަރާނެ އެއްވެސް ކަމަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވަނީ ޤައުމުދެކެ ލޯބިވުން އިސްކުރުމަށާއި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް އިލްތިމާސްކުރަމުންކަމަށް ނައިބު ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.