” ފަޒީސް ހިޖާމާ ތެރަޕީ” ރަޖިސްޓްރީކޮށް އޮޕރޭޓިންގ ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް އަންގައިފި އެވެ.
މި ޚިދުމަތް ހުއްތާލުމަށް ފަޒީލާ ޢުޘްމާން އަށް ހެލްތް މިނިސްޓްރީން އަންގާފައިވަނީ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށް ފަހުގައެވެ.
” ފަޒީސް ހިޖާމާ ތެރަޕީ” ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށް ވަނީ އޭނާއަށް އަންގާފައެވެ.
މީގެ އިތުރުން ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓް ތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށް ވަނީ އަންގާފައެވެ. ބަލިމީހުންގެ މެޑިކަލް ރެކޯޑްތައް އާއްމުކުރެވޭނީ އެފަދަ ޙާލަތެއްގައި ބަލިމިހާގެ ހުއްދައާއި އެކުގައެވެ.
އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި އެ ޚިދުމަތް ދެމުން ގެންދާނަމަ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމެޖެހިފައިވާ އުސޫލު ގެ ދަށުން ހުށަހަޅުއްވައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ހޯއްދެވުމަށްފަހުގައި ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019 ވަނަ އަހަރުވެސް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
މިހާރު މި ޤާނޫނާއި ޚިލާފަށް އައިސް އޯލްޓަނޓިވް ބޭސްފަރުވާގެ ޚިދުމަތް ހިޖާމާ ދިވެހި ބޭހުގެ ޚިދުމަތާއިގެ ޚިދުމަތް ދެމުންދާކަން ފާހަގަ ކުރެވިފައިވާތީ ރަޖިސްޓަރީނުކޮށް، މިފަދަކަންކަން ކުރާފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ އަންގާ އިއުލާންކޮށްފައެވެ.




މިނިސްޓްރީ އަށް ވުރެ ވަރުގަދަ ވާނެ ތި ހިޖާމާ ޖަހާ ތަން..