ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.
މީގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން އެބަހުއްޓެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ.



