ލ. ބާރެސްދޫގައި ކުރިއަށް ނުގެންދެވި ލަސްވެފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢުގައި ބިން ގަތުމަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެެމްއައިޓީޑީސީ) އިން އިންވެސްޓަރުންނަށް އަންގައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރަތަމަ ފަށާފައިވާ މި މަޝްރޫޢު އެންމެ ފުރަތަމަ ބެލެހެއްޓީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ. އޭގެ ފަހުން އެމްއައިޓީޑީސީއާ ހަވާލުކުރެވުނެވެ. މަޝްރޫޢު ފެށުނު އިރު ވަރަށް އުންމީދީ ގޮތެއްގައި ފެށުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެވަނީ ލަސްވެފައެވެ. ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެވުނު ނަމަވެސް، މަސައްކަތް ކުރިއަށް ދިިޔައީ ވަރަށް ލަހުންނެވެ. ފާއިތުވި އަހަރުތަކުގައި މަޝްރޫޢު ލަސްވެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއައިޓީޑީސީގެ އިސްވެރިން ފާހަގަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ނުލިބުމެވެ.
ފަހުން އިންވެސްޓަރުންނާ މުޢާމަލާތްކުރުމުގައި، އެމްއައިޓީޑީސީގެ ބޯޑުން ވަނީ ބިން ގަތުމަށް ދައްކާފައިވާ ފައިސާ އަނބުރާ ދޭން ނިންމާފައެވެ. އެމްއައިޓީޑީސީން ވަނީ ފައިސާ އަނބުރާ ހޯދަން ބޭނުންވާ އިންވެސްޓަރުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ.
- ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް ސިވިލް ކޯޓުގައި މައްސަލަ ހުށަހެޅުން.
- ކޯޓުން ފަހިކޮށް ޙުކުމެއް ލިބުމުން، އެމްއައިޓީޑީސީން އެ ނިންމުން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުން.
- ފިނޭންސް މިނިސްޓްރީން އެމްއައިޓީޑީސީއަށް ފައިސާ ދޫކުރުން.
- އެމްއައިޓީޑީސީން ފައިސާ ޕްރޮސެސްކޮށް، އިންވެސްޓަރުންނަށް އަނބުރާ ދޫކުރުން.
ސަރުކާރުން ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އެމްއައިޓީޑީސީ އުވާލުމަށް ނިންމާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މެދު ފަންތީގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އުފައްދާފައިވާ އެމްއައިޓީޑީސީގެ މަޝްރޫޢުތަކާއި މަސްއޫލިއްޔަތުތައް މިހާރު ކުރިއަށްދާ އަލުން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ބަދަލުކުރެވޭނެއެވެ.



