ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާއިރު ސަމާލުވުމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.
މެޓުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރު މިހާރު ގަދަކޮށްލާފައިވާކަމަށާއި ކުރިއަށް އޮތް ފަސް ދުވަހު ވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށް 15 މޭލާއި 25 މޭލަށް ވައި ޖެހޭއިރު، ދެކުނަށް 13 މޭލާއި 23 މޭލަށް ވައިޖެހޭނެ ކަމަށެވެ.
އަދި ދެކުނުގެ ސަރަހައްދުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
އެއާ އެކު، ބޯކޮށް ވާރޭވެހި، ގުގުރައި އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ފެށުމުގެ ކުރިން އެންމެފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވަނީ އެދިފަ އެވެ.



