ސިނަމާލެ ބްރިޖް ޕާކް ރަސްމީކޮށް ޢާންމުންނަށް ހުޅުވާލައިފިއެވެ.
ސިނަމާލެ ބްރިޖް ޕާކް ހުޅުވުން އޮތީ އިއްޔެ ހަވީރު ބްރިޖްކައިރި ބޭއްވި ހަފްލާއެއްގައެވެ. ޕާކް ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މި ޕާކަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމުގެ ހަނދާން އާކޮށްދޭ ތަނެއް ކަމަށް ބުނެފައެވެ.
އަދި ޕާކް ހަދާފައިވަނީ ޗައިނާގެ ދީލަތި އެހީއާއެކުކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ.
މި ޕާކްގައި ބްރިޖް ބިނާކުރިއިރުގެ ފޮޓޯތައްވެސް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ. ބްރިޖް ހެދިއިރު އެ މަޝްރުޢުގެ މައުލޫމާތު ހިމެނޭ ގޮތަށް މޮނިއުމަންޓް ޕާކެއް ހެދުމަށް ކުރިންވެސް އޮތީ ހިމަނާފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ.



